ފުރުވާލުމަށް ކަނޑައެޅޭ ބިދޭސީ މަސައްކަތު މީހުން ފުރުވާލުމަށްޓަކައި އިމިގްރޭޝަން އާއި އައިލޭންޑް އެވިއޭޝަން އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮއްފި.
23 ޖުލައި 2012

ޤަވައިދާ ޚިލާފަށް ރާއްޖޭގެ އެކި ހިސާބުގައި އުޅެމުންދާ ބިދޭސީން އަބުރާ ޤަވްމަށް ފޮނުވާލުމަށް ޓަކައި ޑިޕާރޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އާއި އައިލޭންޑް އެވިއޭޝަން ސަރވިސަސް ލިމިޓެޑް އާއި ދެމެދު މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއި ކުރެވިފައެވެ. މި އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ޤަވައިދާއި ޚިލާފަށް އުޅޭ ފަރާތްތަށް ރާއްޖެއިން ފޮނުވާލުމުގެ ހުރިހާ ކަމެއް ފަސޭހަކަމާއިއެކު ހަމަޖެހިގެންދާނެއެވެ. އައިލޭންޑް އެވިއޭޝަން އަކީ % 100 ސަރުކާރު ޙިއްސާވާ ކުންފުންޏަކަށްވެފައި، ރާއްޖެއަށް މިއަދު ދިމާވެފައިވާ، މި ބޮޑުމައްސަލާއިގައި ދެފަރާތްގުޅިގެން ވަރަށް ރަގަޅަށް މިކަމުގައި މަސައްކަތް ކުރެވޭނޭކަމަށް ފާހަގަ ކުރެވެއެވެ. އަދި ކުރިމަގުގައި މި މަސައްކަތް މިހާރަށްވުރެވެސް ތަރައްޤީވެގެންދިޔުމާއި، އިތުރު ފަސޭހަތަކެއް ލިބިގެންދާނޭ ކަމަށްބެލެވެއެވެ. މި އެއްބަސް ވުމުގައި އައިލޭންޑް އެވިއޭޝަން ސަރވިސަސް ލިމިޓެޑް ގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ އަފްފާޞިލް އަބުދުލް ޙާރިސް އެވެ، ޑިޕާރޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން ގެ ފަރާތުން ސޮއި ކުރެއްވީ ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން ޑރ. މުޙައްމަދު އަލީ އެވެ. ސޮއިކުރުމުގެ މި ރަސްމިއްޔާތުގައި، އައިލޭންޑް އެވިއޭޝަން ސަރވިސަސް ލިމިޓެޑްގެ ޗެއަރމަން އަލްފާޞިލް ބަންދު އިބްރާޙީމް ސަލީމް އާއި އެކުންފުނީގެ މުވައްޒަފުންގެ އިތުރުން ޑިޕާރޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން މުވައްޒަފުންވެސް ބައިވެރިވެލެއްވިއެވެ. މި ބައްދަލުވުން ބޭއްވުނީ އައިލޭންޑް އެވިއޭޝަން ސަރވިސަސް ލިމިޓެޑްގެ މައި އޮފީހުގައެވެ.
















