މި ޑިޕާރޓްމަންޓުން ބިދޭސީންނަށް ދޫކުރާ ވިޒާ އިތުރަށް ހަރުދަނާ ކޮށް ބެލެހެއްޓުމުގެ ނިޒާމުގެ ދަށުން 01 ޖެނުއަރީ 2010 ން ފެށިގެން އައު ވިޒާ އެއް ވަނީ ތަޢާރަފް ކޮށްފައެވެ. މި ވިޒާ ސްޓިކަރ ތަޢާރަފް ކޮށް އިފްތިތާޙް ކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް، ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އިލްޔާސް ހުސެއިން އިބްރާހީމް އެވެ. މި ވިޒާ އަކީ އައި.ކާ.އޯ މިންގަޑުތަކަށް ފެތޭ ގޮތަށް ތައްޔާރު ކުރެވިފައިވާ ސަލާމަތީ ނިޒާމު އެކުލެވިގެންވާ މެޝިން ރީޑަބްލް ވިޒާ ސްޓިކަރ އެކެވެ. މި ވިޒާ މި ވަގުތު ދޫކުރަމުން ގެންދަނީ ރާއްޖޭގައި ވަޒީފާ އަދާ ކުރާ މީހުނަށް ކަމުގައި ވިޔަސް ކުރިޔަށް އޮތް ތަނުގައި ރާއްޖޭގައި ތިބޭ ހުރިހާ ބިދޭސީންނަށް މި ސްޓިކަރގައި ވިޒާ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ވިޒާ ދޫކުރަން ފެށުމުން މި ޑިޕާރޓްމަންޓުގެ މަސައްކަތްތަކަށް އިތުރު ހަލުވި ކަމެއް އަންނާނޭކަމާމެދު ޝައްކެއް ނެތެވެ. ސަބަބަކީ މި ވިޒާ ނަގާފައިވާ ފަރާތްތަށް ޗުއްޓީ އަށް ގޮސް އެބުރި ރާއްޖެ އަންނަ އިރު މި ވިޒާގެ މެޝިން ރީޑަބްލް ޒޯން އެއަރޕޯރޓްގެ ޕާސްޕޯރޓް ރީޑަރުން ރީޑްކޮށް އަވަހަށް ޕެސެންޖަރ ކްލިއަރ ކުރެވޭނެއެވެ. މި ގޮތުން ބަންގްލަދޭޝް، ނޭޕާލް އަދި އިންޑިޔާގެ ޕާސްޕޯރޓަކީ މެޝިން ރީޑަބްލް ޕާސްޕޯރޓަށް ނުވާތީ މި ފަދަ ޤަވްމު ތަކުގެ މީހުން އެތެރެވުމުގައި އަވަސް ވާނެކަމުގައި ފާހަގަ ކުރަމެވެ.
މި ޑިޕާރޓްމަންޓުން އަބަދުވެސް ދެކެނީ މިޑިޕާރޓްމަންޓުގެ މުވައްޒަފުންނަށާއި ޢާންމުނަށް ލުއި ފަސޭހަކަން ހޯދައި ދިނުމަށެވެ. މި ގޮތުން ހަމަ މި ސްޓިކަރ އަށްފަހު ވާރކް ވިސާ ކާރޑަށްވެސް ވަނީ ބަދަލު ތަކެއް ގެނެވިފައެވެ. މި ކާރޑްގައި ވަޒީފާ އަދާކުރާ މީހާ އާއި ވަޒީފާ އަދާކުރާ ފަރާތުގެ ގިނަ މަޢުލޫމާތު ތަކެއް ވަނީ ހިމެނިފައެވެ. އަދި މި ކާރޑަކީ ބޭންކު ތަކަށްވެސް ބިދޭސީމީހާ އާއިބެހޭ ހުރިހާ މަޢުލޫމާތެއް އިނގިގެން ދާނެ އަދި ބިދޭސީމީހާގެ އައި،ޑީ ނަމްބަރު ބަދަލުވެގެން ނުދާ ގޮތަށް ފަރުމާ ކުރެވި ދޫކުރެވޭ ވާރކް ވިޒާ ކާރޑެކެވެ. މި ކާރޑު ދޫކުރަނީ ވިޒާ ދޫކުރާ މުއްދަތަށް ކަމުގައި ވަނީ ހަމަ ޖައްސާފައެވެ.









