26 އޮކްޓޯބަރ 2010 ވީ އަންގާރަ ދުވަހު ހެނދުނު 09:00 ގައި، އޮސްޓްރޭލިއާގެ ޑިޕާރޓްމަންޓް އޮފް އިމިގްރޭޝަން އެންޑް ސިޓިޒަންޝިޕްގެ ފަރާތުން އެޑިސަން ސޮފްޓްވެއަރ އާއި ފޮރެންސިކް ޑޮކިއުމަންޓް ލެބޯރޓްރީ އެއްގާއިމް ކުރުމަށް ބޭނުންވާ އިކްއިޕްމަންޓްސް ޑިޕާރޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އިމިގްރޭޝަންއަށް ހަދިޔާކުރުމުގެ ރަސްމިއްޔާތު މާލޭ އިންޓަރނެޝަނަލް އެއަޕޯރޓްގައި ބާއްވައިފިއެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ އަދި މިތަކެއްޗާއި ހަވާލުވެލެއްވީ މިނިސްޓަރ އޮފް ސްޓޭޓް، ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އިމިގްރޭޝަން އައްޝައިޙް އިލްޔާސް ޙުސައިން އިބްރާހީމްއެވެ.
އެޑިސަން ސޮފްޓްވެއަރ އަކީ ޕާސްޕޯޓް، ވީޒާ އަދި ދަތުރުކުރުމަށް ބޭނުންކުރެވޭ އެހެނިހެން ލިޔެކިޔުންތަކުގެ މަޢުލޫމާތާއި އޭގައި ހިމެނޭ ސެކިއުރިޓީ ސިފަތައް ހިމެނޭ ސޮފްޓްވެއަރ އެކެވެ. މިސޮފްޓްވެއަރ ބޭނުންކޮށްގެން ވަރަށް ފަސޭހައިން ސައްޙަ ނޫން ޕާސްޕޯޓް، ވީޒާ އަދި ދަތުރުކުރުމަށް ބޭނުންކުރެވޭ އެހެނިހެން ލިޔެކިޔުންތައް ދެނެގަނެވޭނެއެވެ. މި ސޮފްޓްވެއަރ އަކީ އޮސްޓްރޭލިއާގެ ޑިޕާރޓްމަންޓް އޮފް އިމިގްރޭޝަން އެންޑް ސިޓިޒަންޝިޕްގެ ފަރާތުން ހަދިޔާކުރައްވާ ސޮފްޓްވެއަރ އެކެވެ.
އެޑިސަން ސޮފްޓްވެއަރ އަކީ ޑަޗް ޕޮލިސް (އުފެއްދި ފަރާތް)، އޮސްޓްރޭލިއާގެ ޑިޕާރޓްމަންޓް އޮފް އިމިގްރޭޝަން އެންޑް ސިޓިޒަންޝިޕް، ޔޫ.އޭ.އީ އިމިގްރޭޝަން، ޔޫ.އެސް.އޭ ހޯމްލޭންޑް ސެކިއުރިޓީ އަދި ކެނޭޑިއަން ބޯޑަރ ސަރވިސަސް ޙިއްސާވާ ސޮފްޓްވެއަރ އެކެވެ. އަދި މިއީ މިހާރު ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ގައުމުތަކުގައި ބޭނުންކުރަމުން އަންނަ ސޮފްޓްވެއަރ އެކެވެ. މި ސޮފްޓްވެއަރ ބޭނުން ކުރަން ފަށާފައިވަނީ 1980 ގެ އަހަރުތެރޭގައެވެ. މި ސޮޕްޓްވެއަރގައި 3500 އަށް ވުރެގިނަ ދަތުރުކުރުމަށް ބޭނުންކުރެވޭ އެކިކަހަލަ ލިޔެކިޔުންތަކުގެ މަޢުލޫމާތާއި ސެކިއުރިޓީ ސިފަތައް ހިމެނެއެވެ.
މިއީ އިމިގްރޭޝަންގައި ފޮރެންސިކް ޑޮކިއުމަންޓް ލެބޯރޓްރީއެއް ގާއިމްކުރެވޭ ފުރަތަމަ ފަހަރެވެ.









