ޕާސްޕޯޓެއް ހަދަން އެދޭ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ޕާސްޕޯޓެއް ހަދައިދެވޭނެއެވެ. 18 އަހަރު ނުފުރޭ ކުއްޖެއްގެ ޕާސްޕޯޓު ހަދައިދެވޭނީ އެކުއްޖާގެ މަންމަ ނުވަތަ ބައްޕަގެ އެދުމުގެ މަތީންނެވެ. މަންމަ ނުވަތަ ބައްޕަ ނެތްނަމަ ޝަރުޢީ ބަލަދުވެރިޔާގެ އެދުމުގެ މަތީންނެވެ. ޕާސްޕޯޓަށް އެދެނީ ކުއްޖާގެ މަންމަ ކަމުގައިވާނަމަ ކުއްޖާއާއި ބެހޭ އެއްވެސް މައްސަލައެއް އެއްވެސް ޝަރުޢީ ކޯޓެއްގައި ނުވަތަ ސަރުކާރުގެ އެއްވެސް އިދާރާއެއްގައި ނޯންނާނެކަމަށް އިޤުރާރުވެ، ޕާސްޕޯޓަށް އެދޭ ފޯމުގައި އެކަމަށް ކަނޑައެޅިފައިވާ ތަނުގައި ސޮއިކުރަންވާނެއެވެ.
އަލަށް ޕާސްޕޯޓު ހެއްދުން
· ޕާސްޕޯޓަށް އެދޭ ފޯމާއިއެކު، 01 މެއި 2003 ގެ ފަހުން ހައްދާފައިވާ ކޮމްޕިއުޓަރައިޒްޑް އައިޑެންޓިޓީ ކާޑު ހުށަހެޅުން.
· ޕާސްޕޯޓުގެ އަގަށްވާ ފައިސާދައްކާ، ފައިސާގެ ރަސީދު ލިބިގަތުން.
· ޕާސްޕޯޓު ބަލާއަންނަންވީ ގަޑިކަމަށް ފައިސާގެ ރަސީދުގައި ޖަހާފައިވާ ގަޑިއަށް ޕާސްޕޯޓު ބަލާއައުން.
ޕާސްޕޯޓުގެ މުއްދަތު ހަމަވެގެން ޕާސްޕޯޓު އާކުރުން
އަލަށް ޕާސްޕޯޓެއް ހައްދަން ކުރަންޖެހޭ ކަންތައްތަކުގެ އިތުރުން އެންމެ ފަހުން ގެންގުޅުނު ޕާސްޕޯޓު، ޕާސްޕޯޓަށް އެދޭ ފޯމާއި އެކު ހުށަހަޅަންވާނެއެވެ. އެންމެ ފަހުން ގެންގުޅުނު ޕާސްޕޯޓަކީ މުއްދަތު ހަމަވެފައި އޮތް ޕާސްޕޯޓެއް ކަމުގައި ވިޔަސް އެޕާސްޕޯޓު ހުށަހަޅާ ކެންސަލް ކުރަންވާނެއެވެ. މުއްދަތު ހަމަވެފައިވާ ޕާސްޕޯޓު ކެންސަލްނުކުރެވި އޮއްވާ ގެއްލިއްޖެނަމަ ޢަމަލުކުރެވޭނީ ޕާސްޕޯޓު ގެއްލިގެން ޕާސްޕޯޓު އާކުރުމަށް ޢަމަލުކުރާ އުޞޫލުންނެވެ.
ޕާސްޕޯޓުގެ މުއްދަތު ހަމަނުވަނީސް ޕާސްޕޯޓު އާކުރުން
އަލަށް ޕާސްޕޯޓެއް ހައްދަން ކުރަންޖެހޭ ކަންތައްތަކުގެ އިތުރުން ތިރީގައިވާ ކަންތައްތައް ފުރިހަމަކުރަންޖެހޭނެއެވެ.
· މިހާރު ބޭނުންކުރާ ޕާސްޕޯޓު ހުށަހެޅުން. މިހާރު ބޭނުންކުރާ ޕާސްޕޯޓު ހުށަނޭޅިއްޖެނަމަ ޢަމަލުކުރެވޭނީ ޕާސްޕޯޓު ގެއްލިގެން ޕާސްޕޯޓު އާކުރުމަށް ޢަމަލުކުރާ އުޞޫލުންނެވެ.
· ޕާސްޕޯޓުގެ އަގަށްވާ ފައިސާގެ އިތުރުން މުއްދަތުހަމަވާން ބާކީ އޮތް ކޮންމެ އަހަރަކަށް 100ރ. ކެންސަލޭޝަން ފީގެ ގޮތުގައި ދެއްކުން. މުއްދަތު ހަމަވާން ބާކީ އޮތީ 8 މަހަށްވުރެ ކުރު މުއްދަތެއްނަމަ ކެންސަލޭޝަން ފީ ދައްކާކަށް ނުޖެހޭނެއެވެ. މުއްދަތު ހަމަވާން ބާކީ އޮތް ދުވަސް ގުނާނީ ޕާސްޕޯޓަށް އެދޭ ފޯމް ހުށަހަޅާ ދުވަހުން ފެށިގެންނެވެ. ބާކީ އޮތް މުއްދަތަށް ކެންސަލޭޝަން ފީ ނެގުމުގައި، އަހަރު ހަމަވެ އިތުރުވާ ދުވަސްތައް ބެލެވޭނީ އިތުރު އަހަރެއްގެ ގޮތުގައެވެ. މިސާލަކަށް، ބާކީ އޮތީ 2 އަހަރާއި 1 ދުވަސް ނަމަ ބެލެވޭނީ 3 އަހަރުގެ ގޮތުގައެވެ. ކެންސަލޭޝަން ފީގެ ގޮތުގައި ދައްކަންޖެހޭނީ 300ރ. އެވެ.
ޕާސްޕޯޓު ގެއްލިގެން ޕާސްޕޯޓު އާކުރުން
އަލަށް ޕާސްޕޯޓެއް ހައްދަން ކުރަންޖެހޭ ކަންތައްތަކުގެ އިތުރުން ތިރީގައިވާ ކަންތައްތައް ފުރިހަމަކުރަންޖެހޭނެއެވެ.
· ޕާސްޕޯޓު ގެއްލުނުކަން ފުލުސް އޮފީހަށް ހުށަހަޅާ، ޕޮލިސް ރިޕޯޓެއް އިމިގްރޭޝަނަށް ފޮނުވައިދިނުމަށް ފުލުސް އޮފީހުގައި އެދުން.
· ޕޮލިސް ރިޕޯޓުން ޕާސްޕޯޓު ގެއްލިފައިވަނީ ޕާސްޕޯޓު ދޫކުރެވިފައިވާ ފަރާތުގެ އިހުމާލުންކަމަށް ސާބިތުވާނަމަ 2,000ރ. އާއި 20,000ރ. ދެމެދުގެ ޢަދަދަކުން އިމިގްރޭޝަނުން ކަނޑައަޅާ ޖުރުމަނާއެއް ދެއްކުން.
ރާއްޖެއިން ބޭރުގައި ވަނިކޮށް ޕާސްޕޯޓު ގެއްލިގެން ޕާސްޕޯޓު އާކުރުން
ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތެއްގެ ޕާސްޕޯޓު ގެއްލިއްޖެނަމަ، އާ ޕާސްޕޯޓެއް ހަދައިދެވޭނީ ޕާސްޕޯޓު ގެއްލުނު ޤައުމެއްގެ ޕޮލިސް ރިޕޯޓެއް، ޕާސްޕޯޓަށް އެދޭ ފޯމާއި އެކު ހުށަހެޅުމުންނެވެ. މިގޮތުން ހުށަހަޅާ ޕޮލިސް ރިޕޯޓުން، ޕާސްޕޯޓު ގެއްލިފައިވަނީ ޕާސްޕޯޓު ދޫކުރެވިފައިވާ ފަރާތުގެ އިހުމާލުން ނޫންކަމަށް ސާބިތުނުވާނަމަ 2,000ރ. އާއި 20,000ރ. ދެމެދުގެ ޢަދަދަކުން އިމިގްރޭޝަނުން ކަނޑައަޅާ ޖުރުމަނާއެއް ދެއްކުމުން ނޫނީ އާ ޕާސްޕޯޓެއް ހައްދައެއް ނުދެވޭނެއެވެ. ނުދެވޭނެއެވެ. ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތެއްކަމުގައި ބެލެވޭނީ އެޤައުމެއްގެ ރެސިޑެންޓް / ސްޓޫޑަންޓް ވިސާ ލިބިފައިވާ ފަރާތްތަކެވެ.
ރާއްޖެއިން ބޭރުގައި ވަނިކޮށް އެއްފަހަރަށްވުރެ ގިނަފަހަރު ޕާސްޕޯޓް ގެއްލިއްޖެނަމަ، ޕާސްޕޯޓު ދޫކުރެވިފައިވާ ފަރާތް ރާއްޖެ އައިސްގެން މެނުވީ ޕާސްޕޯޓް އާކުރުމުގެ ކަންތައް ކުރިޔަށް ނުގެންގޮސްދިނުމުގެ އިޚްތިޔާރު އިމިގްރޭޝަނަށް ލިބިގެންވެއެވެ. މިގޮތުން ރާއްޖެ އަންނަން ޖެހިއްޖެނަމަ، ރާއްޖެ އައުމަށްޓަކައި ދޫކުރެވޭނީ ދަތުރުކުރުމުގެ ވަގުތީ ލިޔުމެކެވެ.
ދަތުރުވަރެއްގައި ނުވަތަ 6 މަސް ދުވަހަށްވުރެ ކުރު މުއްދަތެއްގެ ކޯހެއްގައި ރާއްޖެއިން ބޭރުގައި ވަނިކޮށް ޕާސްޕޯޓް ގެއްލިއްޖެނަމަ، އެނބުރި ރާއްޖެ އައުމަށް ދަތުރުކުރުމުގެ ވަގުތީ ލިޔުމެއް ދޫކުރެވޭނެއެވެ. މިލިޔުން ދޫކުރެވޭނީ ޕާސްޕޯޓު ގެއްލުނު ޤައުމެއްގެ ޕޮލިސް ރިޕޯޓެއް ހުށަހެޅުމުންނެވެ. އަދި އާ ޕާސްޕޯޓެއް ހަދައިދެވޭނީ މިގޮތުން ހުށަހަޅާ ޕޮލިސް ރިޕޯޓުން، ޕާސްޕޯޓު ގެއްލިފައިވަނީ ޕާސްޕޯޓު ދޫކުރެވިފައިވާ ފަރާތުގެ އިހުމާލުން ނޫންކަމަށް ސާބިތުނުވާނަމަ 2,000ރ. އާއި 20,000ރ. ދެމެދުގެ ޢަދަދަކުން އިމިގްރޭޝަނުން ކަނޑައަޅާ ޖުރުމަނާއެއް ދެއްކުމުންނެވެ.
ޕާސްޕޯޓެއް ގެއްލިއްޖެނަމަ ވީ އެންމެ އަވަސް ފުރުޞަތެއްގައި ޕޮލިސް ރިޕޯޓާއި އެކު ސިޓީއަކުން އިމިގްރޭޝަނަށް އެކަން އަންގަންވާނެއެވެ. ފެކްސް މެދުވެރިކޮށް ސިޓީ ފޮނުވާނީ 332 0011 އަށް ނުވަތަ 332 0451 އަށެވެ.
ޕާސްޕޯޓު ހަލާކުވެގެން ޕާސްޕޯޓު އާކުރުން
އަލަށް ޕާސްޕޯޓެއް ހައްދަން ކުރަންޖެހޭ ކަންތައްތަކުގެ އިތުރުން ތިރީގައިވާ ކަންތައްތައް ފުރިހަމަކުރަންޖެހޭނެއެވެ.
· ޕާސްޕޯޓު ހަލާކުވި ސަބަބު ބަޔާންކޮށް އިމިގްރޭޝަނަށް ސިޓީއެއް ހުށަހެޅުން.
· ހަލާކުވި ޕާސްޕޯޓު ހުށަހެޅުން. ހަލާކުވި ޕާސްޕޯޓު ހުށަނޭޅިއްޖެނަމަ ޢަމަލުކުރެވޭނީ ޕާސްޕޯޓު ގެއްލިގެން ޕާސްޕޯޓު އާކުރުމަށް ޢަމަލުކުރާ އުޞޫލުންނެވެ.
· ޕާސްޕޯޓުގެ އަގަށްވާ ފައިސާގެ އިތުރުން މުއްދަތުހަމަވާން ބާކީ އޮތް ކޮންމެ އަހަރަކަށް 100ރ. ކެންސަލޭޝަން ފީގެ ގޮތުގައި ދެއްކުން. މުއްދަތު ހަމަވާން ބާކީ އޮތީ 8 މަހަށްވުރެ ކުރު މުއްދަތެއްނަމަ ކެންސަލޭޝަން ފީ ދައްކާކަށް ނުޖެހޭނެއެވެ. މުއްދަތު ހަމަވާން ބާކީ އޮތް ދުވަސް ގުނާނީ ޕާސްޕޯޓަށް އެދޭ ފޯމް ހުށަހަޅާ ދުވަހުން ފެށިގެންނެވެ. ބާކީ އޮތް މުއްދަތަށް ކެންސަލޭޝަން ފީ ނެގުމުގައި، އަހަރު ހަމަވެ އިތުރުވާ ދުވަސްތައް ބެލެވޭނީ އިތުރު އަހަރެއްގެ ގޮތުގައެވެ.ގޮތުގައެވެ. މިސާލަކަށް، ބާކީ އޮތީ 2 އަހަރާއި 1 ދުވަސް ނަމަ ބެލެވޭނީ 3 އަހަރުގެ ގޮތުގައެވެ. ކެންސަލޭޝަން ފީގެ ގޮތުގައި ދައްކަންޖެހޭނީ 300ރ. އެވެ.
· ޕާސްޕޯޓު ހަލާކުވެފައިވަނީ ޕާސްޕޯޓު ދޫކުރެވިފައިވާ ފަރާތުގެ އިހުމާލުންކަމަށް އިމިގްރޭޝަނުން ނިންމައިފިނަމަ 2,000 ރ. ގެ ޖުރުމަނާއެއް ދެއްކުން.
ރާއްޖެއިން ބޭރުގައި ހުރެގެން ޕާސްޕޯޓު އާކުރުން
· ރާއްޖެއިން ބޭރުގައި ހުރެގެން ޢާއްމުކޮށް ޕާސްޕޯޓު އާކުރާ އުޞޫލުން، މިހާރު ބޭނުންކުރާ ޕާސްޕޯޓުގެ ޑޭޓާ ޕޭޖްގެ ކޮޕީއަކާއި އެކު ޕާސްޕޯޓަށް އެދޭ ފޯމު ހުށަހެޅުމުން ޕާސްޕޯޓު އާކޮށްދެވޭނެއެވެ. އާކޮށްދެވޭނެއެވެ. ޕާސްޕޯޓަށް އެދި އިމިގްރޭޝަނަށް ހުށަހަޅަންޖެހޭނީ ސޮއިކޮށްފައިވާ އޮރިޖިނަލް ފޯމެކެވެ. ފެކްސް، އީމެއިލް، އަދި ސްކޭންކޮށް ޕްރިންޓްކޮށްފައިވާ ފޯމް ޤަބޫލެއްނުކުރެވޭނެއެވެ.
· އައު ޕާސްޕޯޓަކަށް އެދޭ އިރު މިހާރު ބޭނުންކުރާ ޕާސްޕޯޓް ހުށަހެޅެން ނެތްނަމަ، ޕާސްޕޯޓު އާކުރަން ހުށަހަޅާތާ 1 މަސްދުވަހުގެ ތެރޭގައި މިހާރު ބޭނުންކުރާ ޕާސްޕޯޓު ކެންސަލްކުރުމަށް އިމިގްރޭޝަނަށް ފޮނުވާނެެކަމަށް އިޤްރާރުވެ ސިޓީއެއް ޕާސްޕޯޓަށް އެދޭ ފޯމާއި އެކު ހުށަހަޅަންވާނެއެވެ. މިސިޓީގައި ޕާސްޕޯޓާއި ޙަވާލުވާން އިމިގްރޭޝަނަށް ޙާޟިރުވާނެ މީހާގެ ނަމާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަމްބަރު އެނގެން އޮންނަންވާނެއެވެ.
· ރާއްޖޭގެ ހައިކޮމިޝަން ހުންނަ ޤައުމެއްނަމަ، ހައިކޮމިޝަން މެދުވެރިކޮށްވެސް ޕާސްޕޯޓަށް އެދެވިދާނެއެވެ.
ދަތުރުކުރުމުގެ ވަގުތީ ލިޔުން ހެއްދުން (އިމަރޖެންސީ ސެޓްފިކެޓް)
މިލިޔުން ދޫކުރެވޭނީ އިމިގްރޭޝަނަށް ޤަބޫލުކުރެވޭފަދަ ކުއްލި ޙާލަތެއް ދިމާވެގެން ޕާސްޕޯޓެއް ހެއްދުމަށް ފުރިހަމަކުރަންޖެހޭ ޝަރުޠުތައް ފުރިހަމަ ނުކުރެވޭ ފަރާތްތަކަށެވެ. ނުވަތަ ކުއްލި ޙާލަތެއް ދިމާވާއިރު ޕާސްޕޯޓު އަތުޖެހޭ ހިސާބުގައި ނެތް ފަރާތްތަކަށެވެ. ދަތުރުކުރުމުގެ ވަގުތީ ލިޔުމުގައި ކުރެވޭނީ 1 ދަތުރެވެ. ދަތުރު ނިންމާފައި އެނބުރި އައުމުން ލިޔުން ކެންސަލްކުރެވޭނެއެވެ.
ދަތުރުކުރުމުގެ ވަގުތީ ލިޔުން ހެއްދުމަށްޓަކައި ތިރީގައިވާ ކަންތައްތައް ފުރިހަމަކުރަންޖެހޭނެއެވެ.
· އިމަރޖެންސީ ޙާލަތެއްގައި ކޮންމެހެން ރާއްޖެއިން ބޭރަށް ފުރަންޖެހޭކަން އިމިގްރޭޝަނަށް ސާބިތުކޮށްދިނުން.
· ދަތުރުކުރުމުގެ ވަގުތީ ލިޔުމަށް އެދޭ ފޯމެއް ފުރުމަށްފަހު ހުށަހެޅުން.
· މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ޑިޕާޓްމަންްޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނުން ދޫކުރާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ބެހޭ މަޢުލޫމާތު ހިމެނޭ ލިޔުން ނުވަތަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު އަންގައިދޭ ސަރުކާރުގެ ރަސްމީ ފޮޓޯޖެހި ލިޔުމެއް ހުށަހެޅުން.
· ދަތުރުކުރުމުގެ ވަގުތީ ލިޔުން ހެއްދުމުގެ އަގަށްވާ ފައިސާދައްކާ، ފައިސާގެ ރަސީދު ލިބިގަތުން.
ޕާސްޕޯޓުގައި ދަރިން ހިމެނުން
ޕާސްޕޯޓުގައި ދަރިންނެއް ނުހިމެނެނޭނެއެވެ. ކުޑަކުދިންނަށްވެސް ރާއްޖެއިން ބޭރަށް ދަތުރުކުރެވޭނީ ވަކި ޕާސްޕޯޓެއް ހައްދައިގެންނެވެ. ޕާސްޕޯޓުގައި ދަރިން ހިމަނައިގެން ރާއްޖެއިން ބޭރުގައި އުޅޭ ފަރާތްތައް ރާއްޖެ އައިސް ފުރުމުގެ ކުރިން އެކުދިންނަށް ވަކި ޕާސްޕޯޓެއް ހެއްދުމަށް ޚާއްޞަ ސަމާލުކަމެއް ދޭންވާނެއެވެ.
ޕާސްޕޯޓު ބަލާއައުން
ޕާސްޕޯޓު ބަލާއަންނަންވާނީ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ފައިސާގެ ރަސީދު ހިފައިގެން ޕާސްޕޯޓަށް އެދުނު ފަރާތެވެ. އިމިގްރޭޝަނަށް ޤަބޫލުކުރެވޭފަދަ ޙާލަތެއް މެދުވެރިވެގެން ޕާސްޕޯޓަށް އެދުނު ފަރާތަށް ޕާސްޕޯޓާއި ޙަވާލުވާން ޙާޟިރުވެވެން ނެތްނަމަ އެސަބަބު ބަޔާންކޮށް، އަދި ބަދަލުގައި ޕާސްޕޯޓާއި ޙަވާލުވާން ފޮނުވާ ފަރާތުގެ ނަމާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު އެނގޭނޭގޮތަށް ސިޓީއެއް ހުށަހަޅަންވާނެއެވެ. އަދި ޕާސްޕޯޓު ބަލާ އަންނައިރު، ބަލާއަންނަ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ.
ޕާސްޕޯޓު ހައްދާފައިވާ މީހަކު ނިޔާވުން
ޕާސްޕޯޓު ހައްދާފައިވާ މީހަކު ނިޔާވެއްޖެނަމަ އެމީހެއްގެ ބަލަދުވެރިން ވީ އެންމެ އަވަހަކަށް އެމީހެއްގެ ޕާސްޕޯޓު އިމިގްރޭޝަނަށް ހުށަހަޅާ ކެންސަލްކުރަންވާނެއެވެ









